ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ފަހުވަގުތު ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ރޭންޖާސްގެ މައްޗަށް ކުރިހޯދައި، މެންޗެސްޓާ ޔުައިޓެޑުން ގަދަ 16 ބުރަށް ދިއުމަށް ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު މެޗގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ 52 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ކުރިހޯދާފައެވެ. ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ރޭންޖާސްގެ ކީޕަރު، ޖެކް ބަޓްލެންޑް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސީރިއަލް ޑެސާސް ވަނީ ލަނޑެއް ޖަހައި ރޭންޖާސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ރޭންޖާސް އިން ޕޮއިންޓަކާއެކު ފުއްދާލުމަށް މަސައްކަތް ކުރިނަމަވެސް، ޔުނައިޓެޑުން ވަނީ އިތުރު ވަގުތުގައި ރޭންޖާސް ސަޕޯޓަރުން ރޮއްވާލާފައެވެ. ލިސަންޑްރޯ މާޓިނޭޒް ނަގައިދިން ހުރަހަކުން ޔުނައިޓެޑް މޮޅުކޮށްދިނީ ކެޕްޓަން ބްރޫނޯ އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 15 ޕޮއިންޓު ލިބިފައެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ބާކީ އެންމެ މެޗެއް އޮތްއިރު، ރޭންޖާސް މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.