ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން ލިލް ބަލިކޮށް ލިވަޕޫލުން ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފިއެވެ.
އެންމެ ފަހުން ކުޅުނު 21 މެޗުން ބަލިނުވެ އޮތް ލިލް އިން ވަނީ ލިވަޕޫލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް، ލިވަޕޫލުން ވަނީ ހަނި މޮޅަކާއެކު ލިލްގެ ސިލްސިލާ ނިންމާލާފައެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި ކުރިހޯދަދީފައެވެ. އެއީ ޔޫރަޕުގެ ފުޓުބޯޅައިގައި ސަލާހު ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ލިލް އަށް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ އައިސާ މަންޑީއަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ޖޮނަތަން ޑޭވިޑް ވަނީ ލަނޑެއް ޖަހައި ލިލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ލިވަޕޫލަށް އަލުން ލީޑު ނަގައިދިނީ ހާވީ އެލިއަޓް އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލިލް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.
ލިވަޕޫލުން ގަދަ 16 ބުރުގެ ޖާގަ ޔަގީންކުރީ ފުރިހަމަ ރެކޯޑަކާއެކުއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހައި މެޗަކުން މޮލުވި ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. އެ ޓީމު އެއްވަނައިގައި އޮތީ ޖުމްލަ 21 ޕޮއިންޓާއެކުއެވެ.