ބެސިކްޓާސްގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސައިފިއެވެ.
އުމުރުން 51 އަހަރުގެ ކޯޗުު ވަނީ ބެސިކްޓާސް އާއެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުން 2026-27 ވަނަ ސީޒަނާ ހަމަޔަށް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ 2021 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރިފަހުން އޭނާ ހަވާލުވި ފުރަތަމަ ޓީމެވެ.
ތުރުކީ ލީގުގެ ޗެމްޕިއަންކަން 16 ފަހަރު ހޯދާފައިވާ ބެސިކްޓާސް މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. މިދިޔަ ނޮވެންބަރު މަހު ޖިއޮވާނީ ވެން ބްރޮންކޯސްޓް މަގާމުން ވަކިވިފަހުން ބެސިކްޓާސް އިން ދާއިމީ ކޯޗެއް ގެނެސްފައެއް ނުވެއެވެ. ވަގުތީ ގޮތުން އެ ޓީމާ ހަވާލުވީ ސަރުދާރު ތޮކްރަޕްތެޕޭއެވެ.
2018 ވަނަ އަހަރު ޔުނައިޓެޑަށް ސޮލްޝެއާ ގެނައީ ހޯސޭ މޮރީނިއޮގެ ބަދަލުގައި، ވަގުތީ ގޮތުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އޭނާ ވަނީ ޔުނައިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސޯލްޝެއާގެ އިރުޝާދާއެކު ޔުނައިޓެޑަށް ތަށްޓެއް ނުލިބުނު ނަމަވެސް، ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅެފައިވެއެވެ. އަދި އޭނާގެ އިރުޝާދާއެކު ޔުނައިޓެޑުން ވަނީ ތާވަލުގެ ދެވަނައިގައި ސީޒަން ނިންމާލާފައެވެ.
ސޯލްޝެއާ ވަނީ 1996 އިން 2007 އަށް ޔުނައިޓެޑަށް ކުޅެފައެވެ. މި 11 ސީޒަނުގައި އޭނާ ވަނީ ޖުމްލަ 126 ލަނޑު ޖަހާފައެވެ.
