ސްޕެނިޝް ސުޕަ ކަޕްގައި ރޭ 2-0 ގެ ނަތީޖާއަކުން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ގަވީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. މިއާއެކު، ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓުގައި ބިލްބާއޯގެ އިނާކީ ވިލިއަމްސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.
ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަނީ ރެއާލް މެޑްރިޑާއި މަޔޯކާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ބާސެލޯނާއިން އެ ޓީމުގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓާ ރަޖިސްޓާ ކުރުމަށް ކުރި މަސައްކަތައްވެސް މިހާރު ވަނީ އަލިމަގެއް ފެނިފައެވެ. އެގޮތުން، ސްޕެނިޝް ނޭޝަނަލް ސްޕޯޓްސް ކައުންސިލުން ވަނީ ވަގުތީ ގޮތުން އެ ކުޅުންތެރިން ރަޖިސްޓާ ކުރަން ހުއްދަ ދީފައެވެ.