ރެއާލް މެޑްރިޑުން ވެލެންސިއާ އާ ބައްދަލުކުރި މެޗުގައި ރެއާލްގެ ތަރި، ވިނީޝިއުސް ޖޫނިއާއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ އިތުރު ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރެއާލުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް ކުރިހޯދި މެޗުގެ 79 ވަނަ މިނެޓުގައި ވިނީޝިއުސްއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމްޓްރިއޭވްސްކީގެ ކަރުގައި ހިފުމުންނެވެ.
ލީގުގެ ޑިސިޕްލިނަރީ ބޯޑުން ވަނީ މި މައްސަލަ އިތުރަށް ބެލުމަށްފަހު ވިނީޝިއުސް އާއި ރެއާލް މެޑްރިޑަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން، ލީގުގެ ދެ މެޗަށް ވިނީޝިއުސް ސަސްޕެންޑް ކޮށްފައިވާއިރު، ކުޅުންތެރިޔާ އާއި ކްލަބު ވަނީ ޖޫރިމަނާކޮށްފައެވެ.
މި ސަސްޕެންޝަނާ ގުޅިގެން ވިނީޝިއުސްއަށް ގެއްލޭނީ ލަސް ޕަލްމަސް އާއި ވަލޮޑޮލިޑާ ދެކޮޅަށް ކުޅޭ މެޗެވެ. ބުރާސްފަތި ދުވަހުގެރޭ މަޔޯކާ އާ ދެކޮޅަށް ކުޅޭ ސްޕެނިޝް ސުޕަ ކަޕް މެޗުގައި ވިނީޝިއުސްއަށް ކުޅެވޭނެއެވެ.
މީގެކުރިންވެސް ވެލެންސިއާ އާ ދެކޮޅަށް ރެއާލުން ކުޅުނު މެޗެއްގައި ވަނީ ބޮޑު މައްސަލައެއް ޖެހިފައެވެ. އެ މެޗުގައި ވިނީޝިއުސްއަށް ނަސްލީ ފުރައްސާރަކުރުމާ ގުޅިގެން ވެލެންސިއާ އާއި ބައެއް ސަޕޯޓަރުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ.