އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން 4-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ބަލިކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު ެމޗު ފެށިގެން 10 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. ސިޓީގެ ސަވީނިއޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެސްޓް ހޭމްގެ ވްލަޑިިމިއޭ ސޯފާލް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އަދި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ހާލަންޑް ވަނީ ލަނޑު ޖަހައި، ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ސަވީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ސަވީނިއޯ ދިން ބޯޅައަކުން، ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފިލް ފޯޑެން ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އެއީ ލީގުގައި ފޯޑެން ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މި މެޗުގައި ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނިކްލަސް ފުލްކްރޫގް އެވެ. މިއީ އޮކްޓޯބަރު މަހުން ފެށިގެން، ސިޓީ ވިދިވިދިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗުން މޮޅުވިނަމަވެސް، ސިޓީއަށް ތާވަލުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެ ޓީމު އޮތީ 34 ޕޮއިންޓާއެކު ހަވަނައިގައެވެ. އަދި ވެސްޓް ހޭމް އޮތީ 23 ޕޮއިންޓާއެކު 13 ވަނައިގައެވެ.