އޭދަފުށި ބަލިކޮށް ގަމުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް ޗެރިޓީ ޝީލްޑް މެޗުގައި ރޭ 1-0 ގެ ނަތީޖާއަކުން ބ.އޭދަފުށި ބަލިކޮށް ލ.ގަމުން ވިދިވިދިގެން ދެވަނަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ޗެރިޓީ ޝީލްޑް މެޗަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ކުޅޭ ފޯރިގަދަ މެޗަކެވެ. މި މެޗުގައި ބައްދަލުކުރަނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުންނެވެ. އެގޮތުން، މިއަހަރުގެ ޗެރިޓީ މެޗުގައި ބައްދަލުކުރީ 2024 ވަނަ އަހަރުގެ ޗެމްޕިއަން އޭދަފުށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން ގަމެވެ. އޭދަފުށިން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގަން ބަލިކުރުމަށްފަހުއެވެ.

ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ކުޅެފައެއް ނުވެއެވެ. ގަމު ޓީމަށް ބަލާއިރު، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕެ) ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އަދި އޮންލީއަށް މިއަހަރުގެ މުބާރާތުގައި ނުކުޅެވޭކަން ވަނީ ކަށަވަރުވެފައެވެ. ހަމައެފަދައިން، އޭދަފުށި ޓީމުގެވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ކުޅެފައެއް ނުވެއެވެ. އޭގެތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށްޓަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ގަމު ޓީމުގެ ކީޕަރު، މުހައްމަދު ލުފްޝާން (ޕަފް) ވަނީ ދެ ހަމަލާވެސް ދިފާއުކޮށްފައެވެ. ގަމުން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހުމަދު ހަލީމް (އައްމަޑޭ) އަށެވެ. އޭރިއާ ބޭރުން އައްމަޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން، އޭދަފުށި ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި ގަމު ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން، އައްމަޑޭ ފޮނުވާލި ބޯޅަ، އޭދަފުށި ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ރީބައުންސް ބޯޅަ މުހައްމަދު ރަޒާން (ރާއްކޮ) ފޮނުވާލި ނަމަވެސް ގޯލަށް އަމާޒުވާ ވާގޮތެއް ނުވިއެވެ.

މި މެޗުން ގަން މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. އެއީ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އައްމަޑޭ ދިން ޕާހަކުން ޖޭންނެ ޖެހި ލަނޑެކެވެ. އޭގެފަހުން އޭދަފުށިން ކުޅުނީ ކީޕަރު ހިމެނޭހެން މުޅި ޓީމު ކުރިޔަށް ޖެހިގެނެވެ. ނަމަވެސް، އެ ޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް ޗެމްޕިއަނުންނަށް ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މި ފައިސާ އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުންދޭ 25000 ރުފިޔާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ