ސްޕެނިޝް ލީގުގައި ރޭ ފަހުވަގުތު ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 27 ވަނަ މިނެޓުގައި ހޫގޯ ޑޫރޯ ވަނީ ލަނޑެއް ޖަހައި ވެލެންސިއާއަށް ކުރިހޯދަދީފައެވެ. ވެލެންސިއާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ވެލެންސިއާގެ އޭރިއާ ތެރެއިން ކީލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް، ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. ބެލިންހަމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ.
ރެއާލުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތައް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 79 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާއަށް ރަތް ކާޑު ދެއްކުމާ ގުޅިގެނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމްޓްރިއޭވްސްކީ އަށް ހަމަލާ ދިނުމުންނެވެ. މިއާއެކު ރެއާލުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކާ މޮޑްރިޗް ވަނީ ލަނޑެއް ޖަހައި، ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އިތުރު ވަގުތުގައި ބެލިންހަމް ވަނީ ލަނޑު ޖަހައި، ރެއާލް މޮޅުކޮށްދީފައެވެ.
މި މޮޅާއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. 19 މެޗުން ރެއާލަށް 43 ޕޮއިންޓް ލިބިފައިވާއިރު، 18 މެޗުން އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.