ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން، ޖެރޮޑް ބޮވެންގެ ވާތު ފައި ބިންދައިގެން ދިއުމާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ބޮވެން އަށް އަނިޔާވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލް އަތުން ބަލިވި މެޗުގައެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާއަށް އެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވި ނަމަވެސް، އޭނާ ވަނީ މެޗު ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ.
މެޗު ފުރިހަމަ ކުރުމަށް މަސައްކަތް ކުރިނަމަވެސް، ކުޅެވޭ ވަރު ނުވުމުން މެޗުގެ 60 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. މި މެޗުން ލިވަޕޫލް އަތުން ވެސްޓް ހޭމް ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.
އިންސްޓަގްރާމްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބޮވެން ބުނެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ފައިތިލައަށް އަނިޔާވި ކަމަށެވެ. އަދި ފަހުވަގުތާ ހަމަޔަށް ކުޅެވޭތޯ މަސައްކަތް ކުރި ކަމަށް އޭނާ ބުނެފައިވެއެވެ. މީގެއިތުރުން އޭނާ ބުނީ، ފުޓުބޯޅަ ކުޅޭއިރު އަނިޔާވާނެ ކަމަށާއި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެނބުރި އަންނާނެ ކަމަށެވެ.
ބޮވެން އަކީ މި ސީޒަނުގައި ވެސްޓް ހޭމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ފަސް ލަނޑު ޖަހައި، ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ބޮވެންގެ އަނިޔާއާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހޭ މުއްދަތު ކްލަބުން ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް، ކްލަބުން ރަސްމީކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އާ އަހަރަށް ކުރިމަތިލާއިރު ބޮވެން ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
ޓީމުގެ ކެޕްޓަނަށް އަނިޔާ ވުމާ ގުޅިގެން އެ ޓީމަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. އެ ޓީމު މިވަގުތު އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.