ވެސްޓް ހޭމް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 5-0 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނަ ލަނޑުތަކެއް ޖަހައި، ލިވަޕޫލުން ވަނީ އަނެއްކާވެސް ފެންވަރު ދައްކާލާފައެވެ. އެ ޓީމުން ވަނީ މިދިޔަ ހަފުތާގައި 6-3 ގެ ނަތީޖާއަކުން ޓޮޓެންހަމްވެސް ބަލިކޮށްފައެވެ.

ރޭގެ މެޗު ފެށިގެން، ލިވަޕޫލަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ކުރީކޮޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި ނަމަވެސް، 40 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 40 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

ލިވަޕޫލުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، މުޅި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ސަލާހުއެވެ. އެއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެންވެސް ލިވަޕޫލުން މަސައްކަތް ކުރީ ގިނަ ލަނޑުތަކެއް ޖެހުމަށެވެ. އެގޮތުން، ހާފު ފެށިގެން ނުވަވަނަ މިނެޓުގައި އެލެކްސަންޑާ ޓްރެންޓް އާނޯލްޑް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ވެސްޓް ހޭމުން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ މުހައްމަދު ކުދުސް އަށެވެ. ދެ ހާފުގައިވެސް އޭނާއަށް ރަނގަޅު ދެ ފުރުސަތު ލިބިފައިވާއިރު، ދެފަހަރުމަތިންވެސް ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބު ކުރުމުގައިވެސް އެންމެ ބޮޑީ ސަލާހުގެ ދައުރެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ކުރިޔަށް އެރުމަށްފަހު، ސަލާހު ދިން ބޯޅަ އަކުން އެ ޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން ނިކުތް ޑިއޯގޯ ޔޮޓާއެވެ.

ލިވަޕޫލް މިވަގުތު އެއްވަނައިގައި އޮތީ 45 ޕޮއިންޓާއެކުއެވެ. އެއް މެޗު އިތުރަށް ކުޅެ، ނޮޓިންހަމް ފޮރެސްޓް ދެވަނައިގައި އޮތީ 37 ޕޮއިންޓު ލިބިގެނެވެ. އަދި ތިންވަނައިގައި އާސެނަލްއަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ