އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 1-0 ގެ ނަތީޖާއަކުން އިޕްސްވިޗް ޓައުން ބަލިކޮށް އާސެނަލް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކައި ހަވާޓްޒްއެވެ. މެޗުގެ 23 ވަނަ މިނެޓުގައި އޭނާ ލަނޑު ޖަހާފައިވަނީ ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ އާސެނަލް އިންނެވެ. އެގޮތުން، ފުރަތަމަ ހާފުގައި ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތަކުން ގަބްރިއެލް ޖީސޫސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
އިޕްސްވިޗުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން، ލިއަމް ޑިލެޕްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ވިލިއަމް ސަލީބާ އާއި ގަބްރިއެލް މަގާޅައެސް ވަނީ އޭނާ ހުއްޓުވާފައެވެ.
ދެވަނަ ހާފުގައިވެސް އާސެނަލްއަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭރިއާ ތެރެއިން ގަބްރިއެލްއަށް ހުސް ފުރުސަތެއް ލިބުނުއިރު، އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެ ބޭރަށެވެ. އަދި ހަވާޓްޒްއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އާސެނަލް މިވަގުތު ދެވަނައިގައި އޮތީ 36 ޕޮއިންޓާއެކުއެވެ. އެއް މެޗު މަދުން ކުޅެ، ލިވަޕޫލް އެއްވަނައިގައި އޮތީ 42 ޕޮއިންޓާއެކުއެވެ.