އިނގިރޭސި ޕްރިމިއާ ލީގިގައި ރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
ލެސްޓާ ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައެވެ. ނަމަވެސް، ރޭ ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑު ޖަހައި ލިވަޕޫލް ސަޕޯޓަރުން ސިއްސުވާލާފައެވެ. އެ ޓީމަށް ކުރިހޯދައިދިނީ ޖޯޑަން އަޔޫ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެންޑީ ރޮބަޓްސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މުހައްމަދު ސަލާހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެލެކްސިސް މެކް އަލިސްޓާ ނަގައިދިން ހުރަހަކުން ކާޓިސް ޖޯންސް ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ފުރަތަމަ ފަހަރަށް ކުރިހޯދަދީފައެވެ. ރޭގެ މެޗަކީ ޕްރިމިއާ ލީގުގައިި ޖޯންސް ކުޅުނު 100 ވަނަ މެޗެވެ.
ލެސްޓާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ގޯލު ކުރިމަތިން ޕެޓްސަން ޑަކާއަށް ހުސްކޮސް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެފަހުން މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. އެއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.
ލިވަޕޫލް މިވަގުތު އެއްވަނައިގައި އޮތީ 17 މެޗު ކުޅެ، 42 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗެލްސީއަށް 18 މެޗުން ލިބުނީ 35 ޕޮއިންޓެވެ.