ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 4-2 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ މެޑްރިޑަށް ޕްރެޝަރު ބޮޑުކޮށްފިއެވެ.
އެތުލެޓިކޯއިން ވަނީ މި ހަފުތާގައި ބާސެލޯނާ ބަލިކޮށް، ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ 41 ޕޮއިންޓާއެކުއެވެ. ރެއާލުން ވަނީ ރޭގެ މެޗުން މުހިންމު ތިން ޕޮއިންޓު ހޯދައި، އެތުލެޓިކޯއާ ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން ސެވިއްޔާ ކުޅުންތެރިން ވަނީ ރެއާލްގެ ކުޅުންތެރިންނަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ހަރަކާތެއް ހިންގާފައެވެ. އެއީ ރެއާލުން ދާދި ފަހުން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކުރުމާ ގުޅިގެނެވެ.
ސެވިއްޔާ ކުޅުންތެރިންނެކޭ އެއްގޮތަށް ރެއާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ސެވިއްޔާގެ ޖީސަސް ނަވާސްއަށް ހޫނު ތަރުހީބެއް ދީފައެވެ. އެއީ 20 އަހަރަށްފަހު އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގުޅިގެނެވެ. ރޭގެ މެޗަކީ އޭނާގެ ކެރިއަރުގައި ކުޅުނު ފަހު މެޗެވެ.
ރޭގެ މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭ ވަނީ ލަނޑެއް ޖަހައި، ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. ރެއާލަށް ހަމަޖެހިލެވޭވަރުވީ މެޗުގެ 34 ވަނަ މިނެޓުގައި ރޮޑްރިގޯ ކާމިޔާބުކުރި ލަނޑާއެކުއެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ސެވިއްޔާގެ އިސާކް ރޮމޭރޯ ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ބްރާހިމް ޑިއާޒް ވަނީ ލަނޑެއް ޖަހައި، ރެއާލަށް އަލުން ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސެވިއްޔާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ޑޮޑީ ލޫކްބަކިއޯއެވެ.
ރެއާލް މިވަގުތު އޮތީ ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ، އެ ޓީމަށްވުރެ ދެ ޕޮއިންޓު ކުރީގައެވެ.