އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 0-0 ގެ ނަތީޖާއަކުން އެވަޓަން ކައިރިން އެއްވަރުވެ، ޗެލްސީއަށް މުހިންމުު ދެ ޕޮއިންޓު ގެއްލިއްޖެއެވެ.
މި މެޗަށް ނިކުތްއިރުވެސް ޗެލްސީ އޮތީ ތާވަލުގެ ދެވަނައިގައެވެ. ދެވަނައިގައި ހަމަޖެހިގެން އޮތުމަށާއި، އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދެ ފަރަގު ކުޑަ ކުރުމަށް މި މެޗުން މޮޅުވުން ޗެލްސީއަށް މުހިންމު ވީނަމަވެސް، އެވަޓަން އިންވަނީ ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓާލާފައެވެ.
ރޭ ކުޅެވުނު މެޗުގައި މޫސުން ގޯސްވެ ވައި ބާރުވުމުގެ ސަބަބުން ދެ ޓީމަށްވެސް ވަނީ އޭގެ ދަތިތައް ކުރިމަތިވެފައެވެ. މުޅި މެޗަށް ބަލާއިރު، މޮޅަށް ކުޅެ، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައިވަނީ ޗެލްސީންނެވެ. އެގޮތުން، ޗެލްސީގެ ނިކޮލަސް ޖެކްސަންއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭނާ އޭރިއާ ތެރެއިން ބޮލުން ޖެހި ބޯޅަ ގޯލުގެ ދަނޑިއާ އަމާޒުވިއިރު، ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ، އެވަޓަންގެ ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
އެވަޓަންގެ އޮރެލް މަންގަލާއަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ބޭރުން މަންގަލާ ފޮނުވާލި ބޯޅަ، ޗެލްސީގެ ކީޕަރު، ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ބުނީ، ޑިފެންސަށް ބަލާއިރު އެވަޓަން އަކީ މޮޅު ޓީމެއް ކަމަށެވެ. އެހެންކަމުން، އެފަދަ ޓީމަކާ ދެކޮޅަށް ލަނޑު ޖެހުމަށް ފުރުސަތު ހޯދުމަކީ އުނދަގު ކަމެއް ކަމަށް އޭނާ ބުންޏެވެ. މަރެސްކާ އިތުރަށް ބުނީ، މިފަދަ މެޗުތަކުގައި ލަނޑު ޖެހުމަށް މާ ގިނަ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން ޖެހޭނެ ކަމަށް ބުންޏެވެ.
ޗެލްސީއަށް 17 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. އަދި އެވަޓަންއަށް 16 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.