އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ގަބްރިއެލް ޖީސޫސް ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ކުރިހޯދަދީފައެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން އިސްމާއިލާ ސާ ވަނީ ލަނޑެއް ޖަހައި ޕެލަސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އާސެނަލް އިން ދެވަނަ ފަހަރަށް ކުރިހޯދުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޖީސޫސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އެއީ ތިން ދުވަސް ތެރޭ އޭނާ ކާމިޔާބުކުރި ފަސް ލަނޑެވެ. އޭނާ ވަނީ ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ހެޓްރިކް ހަދާފައެވެ.
އާސެނަލްއިން ލީޑު ނަގާފައިވީނަމަވެސް، އެ ޓީމަށް ކަންބޮޑުވުމަކަށްވީ ބުކާޔޯ ސަކާއަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ. ފުރަތަމަ ހާފުގައި އޭނާ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެނެވެ.
ހާފު ނިމުމުގެ ކުރިން އާސެނަލްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ކައި ހަވާޓްޒްއެވެ.
ޕެލަސް އިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ނަމަވެސް، މެޗުގެ 60 ވަނަ މިނެޓުގައި ގަބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހައި، ޕެލަސްގެ އުއްމީދުތައް ފަނޑުކޮށްލާފައެވެ. އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ޑެކްލަން ރައިސްއެވެ.
އާސެނަލް މިވަގުތު އޮތީ 33 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ޕެލަސް އޮތީ 16 ޕޮއިންޓާއެކު 15 ވަނައިގައެވެ.