އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، މެންޗެސްޓާ ސިޓީގެ ހާލަތު ގޯހުން ގޯހަށް ގޮސްފިއެވެ.
ސިޓީ މިވަގުތު އޮތީ ފަހުގެ ތާރީހެއްގައި އެ ޓީމުގެ އެންމެ ދަށް ފޯމުގައެވެ. އެގޮތުން، އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އަދި މިވަގުތު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ ދެ މެޗު އިތުރަށް ސިޓީން ކުޅެފައިވީނަމަވެސް، ދެ ޓީމުގެ ދެމެދުގައި ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެސްޓަން ވިލާ ވަނީ ފަސްވަނައަށް ޖެހިލާފައެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ކުޅުނު މެޗަށް ނިކުތްއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޓީމަށް ހަ ބަދަލެއް ގެނެސްފައެވެ. މެޗު ފެށިގެން 16 ވަނަ މިނެޓުގައި ޖޯން ޑުރާން ވަނީ ލަނޑެއް ޖަހައި، އެސްޓަން ވިލާއަށް ކުރިހޯދަދީފައެވެ. ފުރަތަމަ ހާފުގައި ސިޓީއިން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފިލް ފޯޑެން އަށެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ، އެސްޓަން ވިލާގެ ކީޕަރު، އެމީ މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 65 ވަނަ މިނެޓުގައި މޯގަން ރޮޖާސް ވަނީ ލަނޑެއް ޖަހައި، އެސްޓަން ވިލާއަށް ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު ސިޓީ ޓީމު ވަނީ އިތުރަށް ޕްރެޝަރަށް ގޮސްފައެވެ.
މެޗުގެ އިތުރު ވަގުތުގައި ފޯޑެން ވަނީ ލަނޑެއް ޖަހައި ސިޓީއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، ހާފު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ސިޓީއަށް ދެން އޮންނާނީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެސްޓަން ވިލާ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.