ރޭ 3-0 ގެ ނަތީޖާއަކުން މެކްސިކޯގެ ޕަޗޫކާ ބަލިކޮށް، ރެއާލް މެޑްރިޑުން ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފިއެވެ.
ފީފާ އިން މީގެކުރިން ވަނީ އަހަރަކު އެއް ފަހަރު ކްލަބް ވޯލްޑް ކަޕް ބާއްވާފައެވެ. ނަމަވެސް، މިފަހަރު ފީފާ އިން ވަނީ އެ މުބާރާތް އިންޓަކޮންޓިނެންޓަލް ކަޕަށް ބަދަލު ކޮށްފައެވެ. އަދި އަންނަ އަހަރު ޖުމްލަ 32 ޓީމާއެކު ފީފާ ކްލަބް ވޯލްޑް ކަޕް ފަށާނެއެވެ.
ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ އޭރިއާ ބޭރުން ރޮޑްރީގޯ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ލޫކަސް ވަޒްކޭޒަށް ޕަޗޫކާގެ އޭރިއާތެެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް ރެއާލަށް ލީޑު ފުޅާކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ.
މިއީ ފީފާ އިން މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މިއާއެކު، ރެއާލުން ވަނީ ތާރީހީ ފުރަތަމަ ތަށި ކާމިޔާބުކޮށްފައެވެ.