ހދ. ނޭކުރަންދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2024 ގެ ސީނިއާ ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ.
މި މަހު ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސީނިއާ މުބާރާތްތަކުގެ ގުރު ނަގާފައިވަނީ ރޭ ނޭކުރެންދޫ ކައުންސިލްގެ އިދާރާގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މިއަހަރުގެ ފުޓްސަލް މުބާރާތުގައި ޖުމްލަ ހަ ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލެވިފައެވެ. އެގޮތުން، ގުރޫޕު ”އޭ“ ގައި ހިމެނެނީ ކްލަބް ތިލަދުންމަތި، ދިރާގު އަދި އިންފާނޯއެވެ. ގުރޫޕު ”ބީ“ ގައި ހިމެނެނީ ކްލަބް ސެނޮން، މާޒިންސް އެސްސީ އަދި އެފްސީ ކޭވްއެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
ހޭންޑްބޯޅަ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވެފައިވާއިރު، ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އެޔަށްފަހު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ ކްލަބް ސިވިކް، ޓީމް ނެއްލައިދޫ، ފެލްކަންސް އަދި މާޒިންސް އެސްސީއެވެ.
ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން، މި މަހުގެ ހަތްވަނަ ދުވަހު ހަވީރު ކްލަބް ތިލަދުންމަތި ނިކުންނާނީ ދިރާގާ ދެކޮޅަށެވެ.