ހދ. ނޭކުރަންދޫގައި މިހާރު ކުރިޔަށްދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް އެމްވީޕީސް އާއި ފަޔާ ސްޓާ ދަތުރުކޮށްފިއެވެ.
މި ފެސްޓިވަލްގެ 16 އަހަރުން ދަޑުގެ ހޭންޑްބޯޅަ މުބާރާތުގައި ތިން ޓީމަކުން ވާދަކުރާއިރު، ފައިނަލުން ފުރުސަތު ލިބެނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމަށެވެ. އެގޮތުން، ފަޔާ ސްޓާ އިން ވަނީ ފުރަތަމަ މެޗުގައި މޫން ސްޓާ ބަލިކޮށްފައެވެ. އަދި އެމްވީޕީސް އިންވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ ހޯދާފައެވެ.
އިއްޔެ ހަވީރު އެމްވީޕީސް އާއި މޫން ސްޓާ ބައްދަލުކުރި މެޗުން އެމްވީޕީސް މޮޅުވީ 7-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްވީޕީސްގެ މަރިޔަމް އަނާލް ހުސައިން ތިން ލަނޑު ޖެހިއިރު، މަރިޔަމް ސިމާހާ ބިންތި މާރިފް އާއި އާއިޝަތު އިބާނާ ބިންތި މާރިފް ވަނީ ދެ ލަނޑު ޖަހާފައެވެ. މޫން ސްޓާގެ ލަނޑުތައް ކާމިޔާބުކުރީ އާއިޝަތު އީލާފް ސިޔާހު، އާއިޝަތު އަންޖަލް ފަޒީލް، އާއިޝަތު އީޝަލް ބިންތި ޝިފާން އަދި އާއިޝަތު މިދުފާއެވެ.
16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރު ފިނެމާ އެފްޓީ އާއި ނޯވާ އެސްސީ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މި މެޗުގައި ފިނެމާގެ ލަނޑުތައް ކާމިޔާބުކުރީ ހުސައިން އައްލާމް ބިން މުހައްމަދާއި މުހައްމަދު ހަސަނައިން ހަސަންއެވެ. އަދި ނޯވާގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ވިޝާލް ވަޖީހާއި އަހުމަދު އަލްސަން އިސްމާއިލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޯވާގެ ވިޝާލެވެ.
ފުޓްސަލް މުބާރާތުގެ ފުރަތަމަ ބުރުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެއެވެ. އަދި ދެވަނަ އާއި ތިންވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ނޯވާ އާއި ރުއްގަނޑު ކިޑްސްއަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ރައްވެއްޔާއި ފިނެމާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރުއެވެ. މިއަދު ހަވީރު ކުރިޔަށްދާނީ ފުޓްސަލް މުބާރާތުގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިނެމާ އާއި ކްލަބް ރަންވެލިއެވެ. އަދި ދެވަނަ މެޗުގައި ނޯވާ ނިކުންނާނީ ރުއްގަނޑު ކިޑްސްއާ ދެކޮޅަށެވެ.