ރާއްޖޭގައި ހައި ޕާފޯމަންސް ސްޕޯޓްސް ސެންޓަރަކާއި ރީޖަނަލް ސްޕޯޓްސް އޮތޯރިޓީތައް އުފައްދަން އުޅޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ރޮނގުން އިންގިލާބީ ބަދަލު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. މި ބަދަލު ގެނެސްދިނުމަށް އިސްލާހުކޮށްފައިވާ ކުޅިވަރުގެ އެކްޓެއް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ވިދާޅުވި އެވެ. މި އިސްލާހުގެ ތެރޭގައި ރީޖަނަލް ސްޕޯޓްްސް އޮތޯރިޓީތައް އުފެއްދުން ހިމެނޭ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. އެގޮތުން ނޯ،ތް ސެންޓްރަލް އަދި ސައުތް ރީޖަނަލް ސްޕޯޓްސް އޮތޯރޮޓީތައް އުފައްދަވަން ރާވާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. މި ސްޕޯޓްސް އޮތޯރިޓީތަކުން އަތޮޅުތެރޭގައި ރީޖަނަލް މުބާރާތްތައް ކުރިއަށްގެންދިއުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
“ ބަޖެޓް ފާސްވެފައިވާއިރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެދިލެއްވުމެއް އަދި ރިޔާސީ އިންތިހާބުގައިވެސް ހާމަކުރައްވާފައި އޮތް ކަމެއް ހަައި ޕާފޯމަންސް ސެންޓާއެއް ރާއްޖޭގައި ގާއިމްކުރުން. އެހެންވީމާ، އެކަމަށްޓަކައި ބޭނުންވާނެ މަސައްކަތް ކުރުމަށްޓަކައި ބޭނުންވާނެ ފައިސާވެސް ވަނީ ބަޖެޓްގައި ހިމަނާފައި. ހައި ޕާފޯމަންސް ސެންޓާއިން އެއްކަލަ ރީޖަނަލް ބޮޑީސްތަކާއި ގުޅިގެން އަތޮޅުތެރޭގައި ނޫނީ ރީޖަން ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މޮޅެތި ލީގްތައް ފާހަގަކުރެވޭނެ ނިޒާމް އެކުލެވިގެންދާނެ. އަދި އެ ކުޅުންތެރިން ނޫނީ އެތްލީޓުން ނޫނީ ސްޕޯޓްސްމަނުން، އެމީހުން ފާހަގަކުރެވުމަށްފަހުގައި އެކުދިންނަށް އިތުރަށް ތަމްރީންދޭނެ ނިޒާމެއް ހޯދުމަށްޓަކައި ބޭނުންވާނެ ފައިނޭންސް މެނޭޖްކުރުމަށް އަޅުގަނޑުމެން ނޭޝަނަލް ސްޕޯޓްސް ފަންޑްގެ ނަމުގައި ގައުމީ ކުޅިވަރު ފަންޑްގެ ނަމުގައި ފަންޑް ހުޅުވުމާއި ގުޅޭ ކަރުދާހެއް ހުށަހެޅި އެކަންވެސް ވަނީ ފާސްވެފަ.“
ވަޒީރު ވިދާޅުވިގޮތުގައި ކެބިނެޓުން ދާދި ފަހުން ހުށަހެޅުއްވި ކަރުދާހުގައި ވަނީ ރަނގަޅު ކުޅުންތެރިންނަށް އިތުރަށް ތަމްރީންދިނުމަށް ކުޅިވަރު ފަންޑެއް ގާއިމުކުރުމަށް އެދިފަ އެވެ. އަދި އެފަދަ ކުޅުންތެރިން ހޯދާ ދެނެގަތުމުގެ ނިޒާމްވެސް ފަހިކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ބޭނުންވާ ފަންޑްވެސް ހަމަޖެހޭނެ ކަމަށް ވަޒީރު މައުލޫމާތު ދެއްވި އެވެ.
އެހެންކަމުން މުބާރާތުގެ ޓީމްތައް ރީޖަންތަކުން ނެގިގެންދިއުމުން ނޭޝަނަލް ގޭމްސްވެސް ބާއްވަން ވަރަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މިކަމުގެ ބޮޑު މަސައްކަތެއް ވަނީ ނިމިފަ. ދެން އޮތީ ތަންފީޒުކުރުމުގެ މަރުހަލާ. އެ މަރުހަލާ ކުރިއަށްގެންދެވޭނީ 2025 ގެ (އަށް ލަފާކުރާ) ބަޖެޓުން. އެއަށް ބޭނުންވާ ފައިސާެ ބަޖެޓުން ފާސްވެގެން“
ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ނިންމާފައި ވެއެވެ.
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން