ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ 8-0 ގެ ނަތީޖާއަކުން އާރްމީނިއާގެ ނޯއާ އެފްސީ ބަލިކޮށް، މި މުބާރާތުގެ ތާރީހުގައި އެންމެ ބޮޑު މޮޅު ހޯދި ޓީމުގެ ރެކޯޑު ޗެލްސީން ހަދައިފިއެވެ.
މީގެކުރިން މި ރެކޯޑު ހަދާފައިވަނީ ނޮސްޖައެލަންޑުންނެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި 7-1 ގެ ނަތީޖާއަކުން ލުޑޮގޮރެޓްސް ބަލިކޮށްފައެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ހަ ލަނޑުގެ ބޮޑު ލީޑެއް ނަގާފައެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހައި، ރެކޯޑު ހަދާފައެވެ.
މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ޓޮސިން އަޑޮރަބިޔޯ ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ކުރިހޯދަދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން މާކް ގުއިއޫ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު ޗެލްސީން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އެކްސެލް ޑިސާސީ ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އެއީ ވެސް އެންޒޯ ނަގައިދިން ކޯނަރަކުން ޖެހި ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޮއާއޯ ފެލިކްސް ވަނީ އެ ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހާފު ނިމެން ގާތް ވެފައިވަނިކޮށް، މިހައިލޯ މުޑްރިކް އާއި ފެލިކްސް ޖެހި ދެ ލަނޑާއެކު ޗެލްސީން ވަނީ އަތުނުވާވަރުގެ ލީޑެއް ނަގާފައެވެ.
ދެވަނަ ހާފުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ކްރިސްޓޮފާ އެންކުންކޫއެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
ޗެލްސީން ވަނީ މިހާތަނަށް ކޮންފަރެންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.