ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ދެ ލަނޑާއެކު، ބާސެލޯނާއިން 5-2 ގެ ނަތީޖާއަކުން ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްފިއެވެ.
ރެޑް ސްޓާގެ ދަނޑުގައި ރޭ ލެވަންޑޯސްކީ ޖެހި ދެ ލަނޑާއެކު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުން 19 ލަނޑު ޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި 100 ލަނޑު ހަމަކުރަން އޭނާ ދެން ބޭނުންވަނީ އެންމެ ލަނޑެކެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ލަނޑު ޖެހިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އަށެވެ.
ރޭގެ މެޗު ފެށިގެން 13 ވަނަ މިނެޓުގައި އިނިގޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި، ބާސެލޯނާއަށް ކުރިހޯދަދީފައެވެ. ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ސިލަސް ޖެހި ލަނޑާއެކު ރެޑް ސްޓާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލެވަންޑޯސްކީ ޖެހި ލަނޑާއެކު ބާސެލޯނާ އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.
ދެވަނަ ހާފު ފެށިގެން، ބާސެލޯނާ އިންވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. އެ ދެ ލަނޑު ކާމިޔާބުކުރީ ލެވަންޑޯސްކީ އާއި ރަފީނިއާއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗު ނިމެން ހަ މިނެޓަށް ވެެފައިވަނިކޮށް ރެޑް ސްޓާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މިލްސަންއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ކުޅުނު ހަތަރު މެޗުން ބަލިވެ، ރެޑް ސްޓާ އޮތީ ތާވަލުގެ 35 ވަނައިގައެވެ.