ސްޕޯޓިން އަތުން ސިޓީއަށް ލަދުވެތި ބައްޔެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ 4-1 ގެ ނަތީޖާއަކުން ލަދުވެތި ގޮތަކަށް ސްޕޯޓިން ކައިރިން ބަލިވެއްޖެއެވެ.

ރޭގެ މެޗަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ކަމާ ހަވާލުވުމަށް ހަމަޖެހިފައިވާ، ރުބެން އަމޮރިމް، ސްޕޯޓިންގެ ދަނޑުގައި އިރުޝާދުދިން ފަހު މެޗެވެ. އަދި މި ނަތީޖާއަކީ ސްޕޯޓިންގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއެވެ.

ސްޕޯޓިންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބަލިވުމާއެކު ސިޓީ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައެވެ. މިއީ 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުން، ވިދިވިދިގެން ތިން މެޗުން ސިޓީ ބަލިވި ފުރަތަމަ ފަހަަރެވެ. އަދި މިއީ 2020 ވަނަ އަހަރުގެ ސްޕްޓެންބަރު މަހުގެ ފަހުން، ސިޓީން ކުރިމަަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސިޓީންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ފިލް ފޯޑެންއެވެ. ސްޕޯޓިން އިން ސިޓީ ބަލިކުރީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެނެވެ. މި މެޗުގައި ސްޕޯޓިންގެ ”ހީރޯ“ އަކީ، އެ ޓީމަށް ހެޓްރިކް ހަދައިދިން ވިކްޓަ ގްޔޯކޭސްއެވެ. އޭނާ ވަނީ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ސްޕޯޓިންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މެކްސިމިލިއާނޯ އަރައުހޯ ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ސްޕޯޓިންއަށް ކުރިހޯދަދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ގްޔޯކޭސް ވަނީ ސްޕޯޓިންއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ސިޓީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އާލިން ހާލަންޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އޭގެފަހުން، މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ސްޕޯޓިންއަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ގްޔޯކޭސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ހަވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ސްޕޯޓިން ވަނީ 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ