ރަންނަމާރި ޗެލެންޖް: ވިމެންސް އޯޕަންގެ ޗެމްޕިއަންކަން މިފަހަރުވެސް އާޔާ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ވިމެންސް އޯޕަން ފައިނަލުގައި ޝާޒިޔާ ސައީދު ބަލިކޮށް، އާޔާ ނަސީމް ޗެމްޕިއަންކަން ހޯދައިފި އެވެ.

އަންހެނުންނަށް ވާދަކުރުމުގެ ފުރުސަތު ދީގެން ފުރަތަމަ ފަހަރަށް ރާޅާއެޅުމުގެ ގައުމީ މުބާރާތް ބާއްވާފައިވަނީ 2021 ވަނަ އަހަރު އެވެ. އޭގެފަހުން، މިއަހަރާ ހަމަޔަށް ކުރިޔަށްދިޔަ ވިމެންސް އޯޕަންގެ ހުރިހައި އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާޔާ އެވެ. މިއަހަރުގެ މުބާރާތް ކާމިޔާބުކޮށް، އާޔާ ވަނީ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަންކަން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ހޯދާފަ އެވެ.

މިއަހަރުގެ މުބާރާތުގެ ވިމެންސް އޯޕަންގައި ޖުމްލަ ހަ ސާފަރުން ވަނީ ވާދަކޮށްފަ އެވެ. އާޔާ ފައިނަލަށް ދަތުރުކުރީ 12.50 ގެ ސްކޯ އަކާއެކު ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓު ކާމިޔާބުކޮށްގެނެވެ. އަދި ޝާޒިޔާ ފައިނަލަށް ދަތުރުކުރީ ކުއާޓާގެ ދެވަނަ ހީޓުން އެއްވަނަ ހޯދައިގެނެވެ. އޭނާ ވަނީ ކުއާޓާގައި 9.25 ހޯދާފަ އެވެ.

މިއަދު ކުރިޔަށް ދިޔަ ފައިނަލް ހީޓުގައި އާޔާ ވަނީ 10.25 ހޯދާފަ އެވެ. އާޔާ ޖުމްލަ ތިން ރާޅާ އެޅިއިރު، އެންމެ މަތިން ލިބުނީ 4.75 އަދި 5.50 އެވެ. ފައިނަލުގައި ޝާޒިޔާ އަށް ލިބުނީ 6.50 އެވެ. ޝާޒިޔާ ޖުމްލަ ހަ ރާޅާ އެޅިއިރު، އެންމެ މަތިން ހޯދުނީ 3.00 އާއި 3.50 އެވެ.

މިއަހަރުގެ މުބާރާތުން ތިންވަނަ ހޯދީ ރިޝްތާ ޝުޖާ އެވެ. ތިންވަނަ ހޮވި ހީޓުގައި އޭނާ ވަނީ 6.25 ހޯދައިގެން ރައުފާ އަހުމަދުގެ މައްޗަށް ކުރިހޮދާފަ އެވެ. ރައުފާ އަށް ލިބުނީ 4.80 އެވެ.

ރަންނަމާރި ޗެލެންޖް ސާފިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ