ފަހުވަގުތު ބޮވެން ކާމިޔާބުކުރި ޕެނަލްޓީއާއެކު ވެސްޓް ހޭމުން ޔުނައިޓެޑް ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހުވަގުތު ޖެރޮޑް ބޮވެން ކާމިޔާބުކުރި ލަނޑާއެކު، ވެސްޓް ހޭމް ޔުނައިޓެޑުން 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް، އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށީގެން ވެސްޓް ހޭމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ޓީމުން ލީޑު ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވީ، މެޗުގެ 74 ވަނަ މިނެޓުގައި ކްރިސެންސިއޯ ސަމަވިލް ޖެހި ލަނޑާއެކު އެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ކަސެމީރޯ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޔުނައިޓެޑުން ޕޮއިންޓެއް ހޯދުމާ ގާތްވެފައިވަނިކޮށް، އިތުރު ވަގުތުގައި ވެސްޓް ހޭމް އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. އެއީ ޔުނައިޓެޑުގެ އޭރިއާ ތެރެއިން، ޑެނީ އިންގްސް އަށް މަތައިސް ޑި ލިޓް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ރެފްރީ މި ޕެނަލްޓީ ދީފައިވަނީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން އަންގައިގެން، ދަނޑުގައި ހުރި މޮނިޓަރުން ބެލުމަށްފަހު އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ވެސްޓް ހޭމް މޮޅުކޮށްދިނީ ބޮވެން އެވެ.

މި ނަތީޖާއާއެކު، ޔުނައިޓެޑު އަދިވެސް އޮތީ ތާވަލުގެ 14 ވަނައިގަ އެވެ. ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ. މިއާއެކު، ކޯޗު އެރިކް ޓެން ހާގަށް ވަނީ ޕްރެޝަރު އިތުރު ވެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ