ގަައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކުރުމަށްފަހު، މުހައްމަދު އިނާން އަބްދުލް ހައްނާން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަހަރުގެ މުބާރާތުން އިނާން ކެޓީ، ސެމީ ފައިނަލުގައި ސައްޔިދު ސަލާހުއްދީން އަތުން ބަލިވެގެެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސައްޔިދެވެ. ނަމަވެސް، މިއަހަރުގެ މުބާރާތް ތަކުން އިނާން ވަނީ ތަފާތު ދައްކާފަ އެވެ. އެގޮތުން، ދިވެހި ސާފް ލީގުގެ މުލީކޮޅު ރާޅުގަނޑާއި ރަންދާ ރާޅުގަނޑުގެ ޖޫނިއާ ޗެމްޕިއަން އަކީ އިނާން އެވެ. އަދި އޭނާ ވަނީ ކަޅެގަލެކޮޑާ އިވެންޓުގެ ރަނަރަޕްކަން ހޯދާފަ އެވެ. މީގެއިތުރުން، 2860 ޕޮއިންޓާއެކު، ސާފް ލީގުގެ ޖޫނިއާ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތީ އިނާން އެވެ.
އިއްޔެ ފެށި މި މުބާރާތުގެ ކުއާޓާ ފައިނަލުގައި އިނާން އާއި ކަޔާން ވަނީ ކުއާޓާ ފައިނަލްގެ ހީޓުން އެއްވަނަ ހޯދާފަ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކޮށް، އިނާން ވަނީ އަހުމަދު ލުޒެއިން ބަލިކޮށްފަ އެވެ. ސެމީ ގައި އިނާން ވަނީ 11 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި ލުޒެއިން އަށް ސްކޯ ކުރެވުނީ 8.80 ޕޮއިންޓެވެ.
ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި ކަޔާން ވަނީ ހަނިގޮތަކަށް، އެންމެ ފަހުގެ ޗެމްޕިއަން ސައްޔިދުގެ މައްޗަށް ކުރިހޯދާފަ އެވެ. މި ހީޓުގައި ކަޔާންގެ ސްކޯ އަކީ 7.35 އެވެ. އަދި ސައްޔިދަށް ހޯދުނީ 7.30 ޕޮއިންޓެވެ.
ފައިނަލްގައި އިނާން ވަނީ ޖުމްލަ 10.17 ހޯދާފަ އެވެ. ޖުމްލަ ފަސް ރާޅާ އެޅުއިރު، އިނާން އަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނު ދެ ރާޅުގެ ސްކޯ އަކީ 4.67 އާއި 5.50 އެވެ. ކަޔާން އަށް ހޯދުނީ ޖުމްލަ 7.50 ޕޮއިންޓެވެ. ކަޔާން އެޅި ހަތަރު ރާޅުގެ ތެރެއިން އެންމެ މަތިން ލިބުނީ ހަތަރު ޕޮއިންޓާއި 3.50 ޕޮއިންޓެވެ.
މިއަހަރުގެ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ޖުމްލަ 10 ސާފަރުން ވަނީ ވާދަކޮށްފަ އެވެ.