އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި, ރާއްޖެއިން ތަޖިކިސްތާން ބަލިކޮށް މުބާރާތުގެ ފަސްވަނަ ހޯދައިފި އެވެ.
ޖުމްލަ ހަ ޓީމަކުން ވާދަކުރި މި މުބާރާތުން ރާއްޖެއަށް ފަސްވަނަ ލިބުނު އިރު، ރާއްޖެއިން ވަނީ ދެފަހަރު މަތިން ތަޖިކިސްތާން ބަލިކޮށްފަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ތަޖިކިސްތާން ކައިރިން މޮޅުވީ 3-1 ސެޓުންނެވެ. އަދި މިއަދު ކުޅުނު ރޭންކިން މެޗުންވެސް މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ގައުމީ ޓީމުގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެކެވެ. އެގޮތުން، ގައުމީ ޓީމުން ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ 25-17 އަދި 25-16 އިންނެވެ.
ތަޖިކިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތިންވަނަ ސެޓު 23-25 އިން ކާމިޔާބުކޮށްފަ އެވެ. މި ސެޓުގެ ފަހުކޮޅު ގައުމީ ޓީމު ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، ތަޖިކިސްތާނުން ވަނީ އޭގެ ފައިދާ ނަގާފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ހަތަރުވަނަ ސެޓުގައި ދެ ޓީމުންވެސް ވަނީ ލީޑުގައި ކުޅެފަ އެވެ. ނަމަވެސް، ސެޓުގެ ފަހުކޮޅު ގައުމީ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިމ 25-23 އިން ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި އުޒްބަކިސްތާން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކިރްގިސްތާނުންނެވެ.