ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަސޭހަ ކަމާއެކު 5-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އެއްވަނައިގައި ހޯދާފައިވާ ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފަ އެވެ. މި ސީޒަން ފެށުނީއްސުރެ ރަނގަޅު ފޯމެއްގައި ހުރި ލެވަންޑޯސްކީ ވަނީ 12 މެޗުން 14 ލަނޑު ޖަހާފަ އެވެ. އަދި އެންމެ ފަހު ހަ މެޗުން އޭނާ ވަނީ 10 ލަނޑު ޖަހާފަ އެވެ.
ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ ހާފުގައިވެސް ވަނީ ތިން ލަނޑު ޖަހާފަ އެވެ.
ލެވަންޑޯސްކީގެ ފުރަތަމަ ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. އެއީ ސެވިއްޔާގެ އޭރިއާ ތެރެއިން ބާސެލޯނާގެ ރަފީނިއާ އަށް، ޕީކޭ ފެނާންޑޭސް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
ލެވަންޑޯސްކީ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޕެޑްރީ ވަނީ ލަނޑެއް ޖަހައި، ބާސެލޯނާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި 39 ވަނަ މިނެޓުގައި ރަފީނިއާ ދިން ޕާހަކުން، ލެވަންޑޯސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއެކު ލެވަންޑޯސްކީ ވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ތިންވަނަ އަށް ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އޭނާ އާއި ޖިމީ ގްރީވްސް ވަނީ 366 ލަނޑު ޖަހާފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ 495 ލަނޑު ޖެހިއިރު، ލިއޮނެލް މެސީ ވަނީ 496 ލަނޑު ޖަހާފަ އެވެ.
ބާސެލޯނާގެ ފަހު ދެ ލަނޑު، ދެވަނަ ހާފުގެ ފަހު ދިހަ މިނެޓު ތެރޭ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕަބްލޯ ޓޯރޭ އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިޑުމްބޯ އެވެ.
ބާސެލޯނާ އަށް ކުރިޔަށް އޮތީ އުނދަގޫ ދެ މެޗެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު އެ ޓީމު ނިކުންނާނީ ބަޔާން މިޔުނިކާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.