ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި، ބީ. އެމް. އެލް. ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލު ހޮވިއްޖެއެވެ.
މި މަހު 12 ން 17 އަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ފެތުންތެރިން ވާދަކުރި ގިނަ ޢުމުރުފުރާތަކުން އެއްވަނަ ހޯދައި ޖޫނިއަރ ގުރޫޕް އަދި ސީނިއަރ ގުރޫޕުން އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދައި މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދިއިރު ޖޫނިއަރ ގުރޫޕް އަދި ސީނިއަރ ގުރޫޕުން ދެވަނަ ހޯދައި މުބާރާތުގެ ދެވަނަ ސްކޫލުގެ މަޤާމު ހޯދާފައިވަނީ އިސްކަންދަރު ސްކޫލެވެ.
މުބާރާތުގެ ޖޫނިއަރ އޭ ގުރޫޕުގެ އަންހެންކުދިންގެ އެއްވަނަ ސްކޫލު އަދީ ސީނިއަރ ގުރޫޕުގެ އަންހެން ކުދިންނާ ފިރިހެން ކުދިންގެ އެއްވަނަ ހޯދީވެސް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ އޭގެ ފިރިހެން ކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ އޭގެ އަންހެން ކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. ޖޫނިއަރ އޭގެ އަންހެން ކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ މުހުޔިއްދީން ސްކޫލެވެ. ޖޫނިއަރ އޭގެ ފިރިހެން ކުދިންގެ ދެވަނަ ސްކޫލަކަށް ޣާޒީ ސްކޫލު ހޮވުނުއިރު ޖޫނިއަރ އޭގެ ފިރިހެންކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލެވެ.
މިމުބާރާތުގެ ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ އަންހެންކުދިންގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ އަންހެންކުދިންގެ ދެވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއަރ ބީގެ ފިރިހެން ކުދިންގެ ތިންވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެންކުދިންގެ ތިންވަނަ ސްކޫލަކަށް ހޮވުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ.
މުބާރާތުގެ ސީނިއަރ ގުރޫޕުގެ ފިރިހެން ދެވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެން 2 ވަނަ ސްކޫލަކަށް ހޮވުނީ ކަލާފާނު ސްކޫލެވެ. އަދި ފިރިހެން ތިންވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަންހެން ތިންވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ.
މުބާރާތުގެ އެކި ވަނަތަކަށްދިޔަ ސްކޫލުތަކަށް ތަށްޓާ ސެޓްފިކެޓް ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ކަސްޓަމަރ ސާވިސް ގުލްނާޒް މާހިރު އާއި ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓަރ ޙުސައިން ރަޝީދެވެ.
މާލޭގެ 21 ސްކޫލަކުން ތަފާތުގެ ފަސް ޢުމުރުފުރާގައި އަދި އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ (އީ.އޭ.ޑީ) ގުރޫޕް ހިމެނޭހެން 480 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ފެތުންތެރިން ވަނީ 25، 50، 100، 200 މީޓަރު ފްރީސްޓައިލް ރޭހާއި 25، 50، 100 މީޓަރު ބެކްސްޓްރޯކް ރޭހާއި، 25، 50، 100 މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުގެ އިތުރުން 25، 50، 100 މީޓަރުގެ ބަޓަފްލައި ރޭހާއި 100، 200 މީޓަރުގެ މިޑްލޭ ރޭހުގެ އިތުރުން ސްކޫލުތަކަށް ޚާއްޞަކޮށް ބޭއްވި ފްރީސްޓައިލް ރިލޭ އަދި މިޑްލޭ ރިލޭ ރޭސްތައް ފުރިހަމަކޮށްފައެވެ.
ބީ. އެމް. އެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑެލްއާއި ތަށި ދިނުމުގެ ރަސްމިއްޔާތު އޮތީ މި މަހު 19 ވީ ހޮނިހިރު ދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލުގައެވެ.



