އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ބޯންމައުތު ކައިރިން 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ.
ބޯންމައުތުގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 30 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، ބޯންމައުތުގެ އެވަލިންސަން އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ހުއްޓުވުމަށް ކުރި ފައުލަކާ ގުޅިގެނެވެ. މިއާއެކު އާސެނަލް އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
އާސެނަލްގެ ޑިފެންސް ލައިނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މަދުވި ނަމަވެސް، އެ ޓީމުން ވަނީ މެޗުގެ ގިނަވަގުތު މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. ބޯންމައުތުން ފައިދާ ނެގުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 70 ވަނަ މިނެޓުގައި ރަޔަން ކްރިސްޓީ ޖެހި ލަނޑާއެކު އެވެ. ޖަސްޓިން ކްލައިވަޓް ތަނަވަސްކޮށްދިން ފުރުސަތަކުން، ކްރިސްޓީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އާސެނަލް އިން އެނބުރި މެޗަށް ވަނުމަށް މަސައްކަތް ކުރިނަމަވެސް، ބޯންމައުތުން ވަނީ އިތުރު ލަނޑެއް ޖަހައި، އުއްމީދުތައް ގެއްލުވާލާފަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ބޯންމައުތުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ކްލައިވަޓް އެވެ. އެއީ މިއަހަރުގެ ހޫނުމުސުމުގައި ބޯންމައުތުގެ ރެކޯޑު ފީ އެއް ކަމަށްވާ 40 މިލިއަން ޕައުންޑަށް ގެނައި އެވަލިންސަން އަށް، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
މި ނަތީޖާއާއެކު، ބޯންމައުތުން ވަނީ ގިނަ ދުވަސްތަކަކަށްފަހު އާސެނަލް ބަލިކޮށްފަ އެވެ. އާސެނަލް އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބޯންމައުތު ވަނީ 13-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފަ އެވެ.
މި މޯޅާއެކު ބޯންމައުތު ވަނީ ތާވަލުގެ 10 ވަނަ އަށް ޖެހިލާފަ އެވެ. ނަމަވެސް، އާސެނަލް އިންވަނީ އެއްވަނަ އަށް އެރުމުގެ ފުރުސަތު ނަގާލާފަ އެވެ.