ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއާ ބަލިކޮށްފި އެވެ.
ރާއްޖެއިން ސައުދީގެ މައްޗަށް ކުރިހޯދީ 73-14 ގެ ނަތީޖާއަކުންނެވެ. މިއީ ސައުދީ އިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މެޗު ފެށުނީއްސުރެ މޮޅަށް ކުޅެފައިވަނީ ގައުމީ ޓީމުންނެވެ. އެގޮތުން، ގައުމީ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ބޮޑު ލީޑެއް ނެގުމަށްފަހު، ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ގައުމީ ޓީމުން ވަނީ 20-2 ގެ ލީޑެއް ނަގާފަ އެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު 39-8 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ ގައުމީ ޓީމުންނެވެ.
މެޗުގެ ތިންވަނަ ކުއާޓަރުގައިވެސް ގައުމީ ޓީމުން ކުޅުނީ ބޮޑު ލީޑަކާއެކު އެވެ. ސައުދީ އިން ފަރަގު ކުޑަކުރަން މަސައްކަތް ކުރިނަމަވެސް، ގައުމީ ޓީމުން ވަނީ މޮޅަށް ޑިފެންސް ކޮށް، އެޓޭކަށް ބަދަލުކޮށްފަ އެވެ. ތިންވަނަ ކުއާޓަރު ނިމުނުއިރު ގައުމީ ޓީމުން ވަނީ 57-10 ގެ ލީޑެއް ނަގާފަ އެވެ.
މިއަހަރުގެ މުބާރާތުގެ ގުރޫޕު ”އޭ“ ގައި ރާއްޖެ އާއި ސައުދީގެ އިތުރުން ދެން ހިމެނެނީ ސްރީ ލަންކ،ާ މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ޖަޕާނެވެ. އަދި ގުރޫޕު ”ބީ“ ގައި ހިމެނެނީ ސިންގަޕޫރު، ހޮންގް ކޮންގް، ބުރުނާއީ، ތައިލެންޑް، ޗައިނީސް ޓައިޕޭ، އިރާގް އަދި ބަހުރޭނެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ނިކުންނާނީ މެލޭޝިއާ އާ ދެކޮޅަ ށެވެ.
