މި ސީޒަނަށްފަހު މެންޗެސްޓާ ސިޓީގެ ކޯޗުގެ މަގާމުަގައި ދެމިހުުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އުމުރުން 53 އަހަރުގެ ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. ސިޓީއާއެކު އެއްބަސްވުން އައުކުުރުމާމެދު ތަކުުރާރުކޮށް ސުވާލު ކުރުމުން، ގާޑިއޯލާގެ ފަރާތުން އެދެވޭ ޖަވާބެއް މީގެކުރިންވެސް ލިބިފައެއް ނުވެއެވެ.
ގާޑިއޯލާގެ މުސްތަގުބަލާމެދު އިތުރަށް ސުވާލު އުފެދުނީ، ސިޓީގެ ޑިރެކްޓާ އޮފް ފުުޓްބޯލް، ޓްކްސިކީ ބެގިރިސްޓައިން އަންނަ ހޫނުމޫސުމުގައި އެ ކްލަބް ދޫކޮށްލާކަން އިއުލާނުކުރުމާއެކު އެވެ. އޭނާ އަކީ ގާޑިއޯލާގެ ގާތް ރަހުމަތްތެރިއެކެވެ. ބޭރުގެ ބައެއް ރިޕޯޓުތަކުން ބުނާގޮތުުން، ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު، ގާޑިއޯލާ ސިޓީ ދޫކޮށްލާނެ އެވެ. ނަމަވެސް، އޭނާ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
ބައެއް އެހެނިހެން ރިޕޯޓުތައް ބުނާގޮތުން، 2026 ވަަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން، އިންގްލެންޑް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާނީ ގާޑިއޯލާ އެވެ. މީގެކުރިން ގާޑިއޯލާ ވަނީ ބައިނަލްއަގުވާމީ މުބާރާތެއްގައި، ގައުމީ ޓީމެއްގެ ކޯޗުކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ގާޑިއޯލާ ބުނީ، ސިޓީގައި މަޑުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ އިތުރަށް ބުނީ، އޭގެ ޖަވާބު އަދި ނޭންގޭ ކަމަށާއި، ދިރިއުޅުމުގައި ކޮންމެ ގޮތަކަށްވެސް ކަންތައް ވެދާނެ ކަމަށެވެ.
ގާޑިއޯލާ އަކީ ފަހުގެ ތާރީހެއްގައި ފެނުުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ސިޓީ އާއެކު ޖުމްލަ 17 މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި ހަ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.