ޔުއެފާ ނޭޝަންސް ލީގުގައި ރޭ 3-1 ގެ ނަތީޖާއަކުން ފިންލެންޑް ބަލިކޮށް، އިންގްލެންޑުން ތިންވަނަ މޮޅު ހޯދައިފި އެވެ.
އިންގްލެންޑް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ގްރީސް އަތުން ބަލިވެފަ އެވެ. މިއީ ތާރީހުގައިވެސް ގްރީސް އަތުން އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. މިއާއެކު، ރޭގެ މެޗަށް ނިކުތްއިރު، ވަގުތީ ކޯޗު ލީ ކާސްލީ ވަނީ ހަ ބަދަލެއް ކޮށްފަ އެވެ. އެގޮތުން، ޖޯޑަން ޕިކްފޯޑްގެ ބަދަލު، އިންގްލެންޑް ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ޑީން ހެންޑަސަން އެވެ.
ގައުމީ ޓީމަށް އެނބުރި އައި، ޖެކް ގްރީލިޝް ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލަނޑު ޖަހައި، އިންގްލެންޑަށް ކުރިހޯދަދީފަ އެވެ. އޭގެފަހުން، ފިންލެންޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފަ އެވެ.
ދެވަނަ ހާފު ފެށީގެން މެޗުގެ 74 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ ލިވަޕޫލްގެ ތަރި، ޓްރެންޓް އެލެކްސަންޑާ އާނޯލްޑް އެވެ. އޭނާ ލަނޑު ޖެހީ އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް ތިން ޕޮއިންޓު ކަޝަވަރުކޮށްދީފަ އެވެ.
މި މެޗުގައި ފިންލެންޑުން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ފްރެޑްރިކް ޖެންސެން އަށެވެ. ނަމަވެސް، އޭނާ އަށް ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ކޯނަރަކުން، އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އާޓޫ ހޮސްކޮނެން އެވެ.
މި ނަތީޖާއާއެކު، އިންގްލެންޑް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ކުޅުނު ހަތަރު މެޗުން މޮޅުވެ، އެއްވަނައިގައި އޮތީ ގްރީސް އެވެ.