ޔުއެފާ ނޭޝަންސް ލީގުގައި ރޭ ގްރީސް އަތުން 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވި މެޗުގައި، އިންގްލެންޑުގެ ބުކާޔޯ ސަކާ އަށް އަނިޔާވެއްޖެ އެވެ.
އާސެނަލްގެ ފޯވާޑަށް އަނިޔާވެ، އޭނާ ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެީ ޗެލްސީގެ ނޯނީ މަޑުއޭކޭ އެވެ. އުމުރުން 23 އަހަރުގެ ސަކާގެ ކަނާތު ފަޔަށް ތަދުވެ، ކޮރުޖަހަމުން ގޮސް، ދަނޑުމަތީގައި އިޝީންނި މަންޒަރު ވަނީ ފެނިފަ އެވެ.
އިންގްލެންޑުގެ ވަގުތީ ކޯޗު، ލީ ކާސްލޭ ބުނީ، ސަކާ އަށް ލިބުނު އަނިޔާގެ ކުޑަ ބޮޑުމިން މިހާރު ބަލަމުން ދާ ކަމަށެވެ.
މި މެޗަށް ނިކުތްއިރު، އިންގްލެންޑު ޓީމުގެ ކެޕްޓަން، ހެރީ ކޭން އާއި މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ނަމަވެސް، އާދީއްތަ ދުވަހު ފިންލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންވެސް ފެނުން އެކަޝީގެންވެ އެވެ.
ސަކާ އަށް ލިބުނު އަނިޔާ ބޮޑުވެއްޖެނަމަ، އެއީ އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ އަށް ލިބޭނެ ހިތާމަވެރި ހަބަރެކެވެ. އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑިގާޑް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އޭނާގެ ކުޑަ ހުޅަށް އަނިޔާވެފައިވަނީ މިދިޔަ މަހު ނޯވޭ އަށް ކުޅުނު މެޗެއްގެ ތެރެއިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ 19 ވަނަ ދުވަހު އާސެނަލް ނިކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.