ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނޯވޭ އިން 3-0 ގެ ނަތީޖާއަކުން ސްލޮވީނިއާ ބަލިކުރިއިރު، ނޯވޭ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު، މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައިޓް ހާލަންޑް މުގުރާލައިފި އެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި، ނޯވޭ އަށް ކުރިހޯދަދީފަ އެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 33 ވަނަ ލަނޑެވެ. މިއާއެކު، އޭނާ ވަނީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ކަމުގައިވާ ޖޯގެން ޖޫވޭ އާ ހަމަކޮށްފަ އެވެ.
ހާލަންޑް ވަނީ ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހައި، ރެކޯޑު މުގުރާލާފަ އެވެ. 2019 ވަނަ އަހަރު ނޯވޭ ގައުމީ ޓީމަށް ކުޅެން ފެށި ހާލަންޑް، މި ރެކޯޑު ހެދީ އެންމެ 36 މެޗުންނެވެ.
1920 އިން 30 ގެ އަހަރު ތަކުގައި ނޯވޭ ޓީމަށް ކުޅުނު ޖޫވޭ މި ރެކޯޑު ހެދީ އޭނާގެ ފުރަތަމަ 27 މެޗު ތެރޭގަ އެވެ. އޭގެފަހުން އޭނާ އަދާކޮށްފައިވަނީ ސެންޓަ ބެކެއްގެ ދައުރެވެ. އޭނާ ވަނީ ގައުމީ ޓީމަށް 45 މެޗު ކުޅެދީފަ އެވެ.
ރޭގެ މެޗުގައި ނޯވޭގެ ކެޕްޓަން އަކީވެސް ހާލަންޑެވެ. އަނިޔާގެ ސަބަބުން، އާސެނަލްގެ މިޑްފީލްޑަރު މާޓިން އޮޑިގާޑް ކުޅެފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ނޯވޭގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އެލެކްސަންޑާ ސޯލޯތު އެވެ.
މޮ މޮޅާއެކު ނޯވޭ ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. އެ ޓީމަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްލޮވީނިއާ އެވެ.