ޔުއެފާ ނޭޝަންސް ލީގުގައި ރޭ 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް، ގްރީސް އިން ތާރީހީ މޮޅެއް ހޯދައިފި އެވެ.
މިއީ ގްރީސްގެ ތާރީހުގައިވެސް އިންގްލެންޑް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު މީގެކުރިން ނުވަ ފަހަރު ބައްދަލުކޮށްފައިވާއިރު، އިންގްލެންޑް ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އަދި ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.
އަމިއްލަ ދަނޑުގައި އިންގްލެންޑުން ގްރީސް އާ ދެކޮޅަށް ނިކުތްއިރު، އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ހެރީ ކޭން ކުޅެފައެއް ނުވެއެވެ. މިއާއެކު، އިންގްލެންޑުން ކުޅުނީ ރަސްމީ ސްޓްރައިކަރެއް ނުހިމަނަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ވަންގެލިސް ޕަވްލީޑީސް ވަނީ ލަނޑެއް ޖަހައި، ގްރީސް އަށް ކުރިހޯދަދީފަ އެވެ.
ގްރީސް އިން ލީޑު ނެގުމާއެކު އިންގްލެންޑަށް ވަނީ ލަނޑެއް ޖެހުން މުހިންމު ވެފައެވެ. އެގޮތުން، އިންގްލެންޑުން ވަނީ ކުޅުން ރަނގަޅު ކުރުމަށް އޮލީ ވޮޓްކިންސް އާއި ޑޮމިނިކް ސޮލަންކޭ ކުޅެން ނެރެފަ އެވެ. ސޮލަންކޭ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ މީގެ ހަތް އަހަރު ކުރިންނެވެ. މިއީ އޭނާ އިންގްލެންޑް ޓީމަށް ކުޅުނު ދެވަނަ މެޗެވެ.
އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޖޫޑް ބެލިންހަމް ޖެހި ލަނޑާއެކު އެވެ. ނަމަވެސް، އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕަވްލީޑީސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ގްރީސް މޮޅުކޮށްދީފަ އެވެ.
ގްރީސް ކުޅުންތެރިން ވަނީ ލަނޑު ޖެހުމަށްފަހު، ދާދި ފަހުން، މަރުވި، ގްރީސް ގައުމީ ޓީމުގެ ޖޯޖް ބަލްޑޮކްގެ ހަނދާން އާކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިންވެސް ވަނީ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފަ އެވެ.