ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އެލިސަން އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު، ކްރިސްޓަލް ޕެލަސް ކައިރިން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި އޭނާގެ ބަދަލު ކުޅެން ނިކުތީ ތިންވަނަ ކީޕަރު، ވިޓެޒްސްލާވް ޖަރޯސް އެވެ.
އަންނަ މަހުގެ 11 އިން 19 އަށް ކުރިޔަށްދާ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން، އެލިސަން އަށް ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ.
އަނިޔާގެ ސަބަބުން އެލިސަން އަށް ގިނަ މެޗުތަކެއް ގެއްލޭނެ އެވެ. އޭގެތެރޭގައި، ޗެލްސީ، އާސެނަލް، ބްރައިޓަން އަދި އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ ލީގު މެޗުތަކާއި، ޗެމްޕިއަންސް ލީގުގައި ލެއިޕްޒިގް އަދި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، ލީގު ކަޕުުގައި ބްރައިޓަން އާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.
ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ލިވަޕޫލްގެ ދެވަނަ ކީޕަރު ކެލެހާ ހިމަނާފައެއް ނުވެއެވެ. ލިވަޕޫލްގެ ކޯޗު، އާނޭ ސްލޮޓް ބުނީ، ޓީމުގެ ދެވަނަ ކީޕަރަކީ ކެލެހާ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. އަދި އެލިސަން އަށް އެންމެ ފަހުން އަނިޔާވި ފަހަރު، ޓީމުގެ ގޯލު ބަލަހައްޓަން ކެލެހާ އާ ޖެހުމުން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށް ސްލޮޓް ބުންޏެވެ.
ނޮވެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހުވެސް ލިވަޕޫލަށް އުނދަގޫ މެޗުތަކެއް ކުރިމަތިވާނެ އެވެ. އޭގެތެރޭގައި، މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެ އެވެ.