ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ތަފާތު ދައްކައި، މުހައްމަދު ރިޙާން ޝިހާމް ހަ އިވެންޓެއްގެ ގައުމީ ރެކޯޑް އައުކޮށްފި އެވެ.
ރިހާން އައުކޮށްފައިވަނީ ފިރިހެނުންގެ ޝޯޓްކޯސް 50 އަދި 100 މީޓަރުގެ ބެކްސްޓްރޯކް އިވެންޓާއި، ޝޯޓްކޯސް 50، 100 އަދި 200 މީޓަރު ބަޓަފްލައި އިވެންޓުގެ އިތުރުން ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ.
ބެކްސްޓްރޯކް 100 އަދި 50 މީޓަރުގެ ރެކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އަލީ އިމްއާން އެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. 100 މީޓަރުގައި އޭނާގެ ޓައިމިން އަކީ 01.03.02 އެވެ. އަދި 50 މީޓަރުގައި އޭނާ ވަނީ 00.29.23 އިން ރޭސް ފުރިހަމަކޮށްފަ އެވެ. 100 މީޓަރުގައި ރިހާން ވަނީ 00.29.23 އިން ރޭސް ފުރިހަމަކޮށްފަ އެވެ. އަދި 50 މީޓަރުގެ ރެކޯޑު އައުކުރީ 00.29.06 އިން ރޭސް ނިންމައިގެންނެވެ.
200 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު އެންމެ ފަހުންވެސް އައުކުރީ ރިހާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.27.12 އިން ރޭސް ނިންމައިގެންނެވެ. މިފަހަރު ރިހާންގެ ޓައިމިން އަކީ 02.21.75 އެވެ.
50 މީޓަރާއި 100 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑު އެންމެ ފަހުން އައުކުރީ ނިޝްވާން އިބްރާހިމް އެވެ. 100 މީޓަރުގެ ރެކޯޑު އައުކުރީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ވާދަކޮށް 01.00.71 އިން ނިންމައިގެނެވެ. އަދި 50 މީޓަރުގެ ރެކޯޑު އައުކުރީ 2014 ވަނަ އަހަރު ބޭއްވުނު 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00.27.68 އިން މިއިވެންޓު ފުރިހަމަކޮށްގެންނެވެ. 100 މީޓަރުގައި ރިހާންގެ ޓައިމިން އަކީ 00.59.69 އެވެ. އަދި 50 މީޓަރުގެ ރެކޯޑު އައުކުރީ 00.27.06 އިން ރޭސް ނިންމައިގެންނެވެ.
ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ރިހާން އައުކުރީ 02.03.06 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމް އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 02.05.04 އިން ރޭސް ފުރިހަމަކޮށްގެންނެވެ.