ރިސޯޓު ލީގު ޒޯނު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ، ރިސޯޓު ސުޕަ ލީގުގައި އަނަންތަރާ ކިހަވަށް މޯލްޑިވްސް ބަލިކޮށް، ޖޯލި މޯލްޑިވްސް ސެމީ އަށް ދަތުރުކޮށްފި އެވެ.
ހަ ޗެމްޕިއަނުން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑު ޖަހައިގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ޔަގީން ވާނެއެވެ. އެގޮތުން، ބަނޑޮސް މޯލްޑިވްސް އިން ވަނީ 10-7 ގެ އެގްރިގޭޓް ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށްފަ އެވެ.
އަނަންތަރާ ދަނޑުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން، އެ ޓީމުން ވަނީ 6-5 ގެ ނަތީޖާއަކުން ޖޯލި ބަލިކޮށްފަ އެވެ. ނަމަވެސް، ޖޯލި ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޖޯލިން ވަނީ ތަފާތު ދައްކައި، 4-0 ގެ ނަތީޖާއަކުން އަނަންތަރާ ބަލިކޮށްފަ އެވެ. މިއާއެކު، ޖޯލިން ވަނީ އެގްރިގޭޓް 9-6 ގެ ނަތީޖާއެއް ހޯދާފަ އެވެ. އަދި ބަނޑޮހަށް ވުރެ އެއް ލަނޑު މަދުވުމާއެކު، އެ ޓީމު ސެމީ ފައިނަލް ކުޅެން ޖެހޭނެކަން ވަނީ ކަށަވަރުވެފަ އެވެ.
ޖޯލި ދަނޑުގައި ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި މުހައްމަދު ޖުމާން ވަނީ ލަނޑެއް ޖަހައި، ޖޯއްޔަށް ކުރިހޯދަދީފަ އެވެ. މިއާއެކު، އެގްރިގޭޓް ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. އަދި ހާފުގެ ފަހު މިނެޓުގައި މޫސާ ލަތީފް ޖެހި ލަނޑާއެކު، ޖޯލިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ޖޯލިގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން، މުސްލިމް މުހައްމަދެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ބޮޑު ލީޑެއް ހޯދަދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް މުސްލިމް އެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި ބައްދަލުކުރާނީ އަންސާނާ ވެލާވަރާއި ކޮންރަޑް މޯލްޑިވްސް އެވެ. ވެލާވަރުގެ ދަނޑުގައި ފުރަތަމަ މެޗު ކުޅޭނީ އަންގާރަ ދުވަހު ހަވީރު އެވެ.