ބެންޗުގައި ހުރެ އެއްވެސް މުބާރާތެއް ކާމިޔާބުކުރަން ބޭނުން ނުވާ ކަމަށް ސައުތެމްޓަން އަދި އިންގްލެންޑްގެ ކީޕަރު، އާރޮން ރަމްސްޑޭލް ބުނެފި އެވެ.
މިދިޔަ ހޫނުމޫސުމުގައި އާސެނަލް ދޫކޮށް، ރަމްސްޑޭލް ސައުތެމްޓަން އަށް ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 25 މިލިއަން ޕައުންޑަށެވެ. އޭނާ އާސެނަލް ދޫކޮށްލަން ނިންމީ، މިދިޔަ ސީޒަނުގައި އާސެނަލް އިން އެއް ނަންބަރު ކީޕަރަކަށް ޑޭވިޑް ރާޔާ ހަމަޖެއްސުމުންނެވެ.
ބޯންމައުތާއި ޝެފީލްޑް ޔުނައިޓެޑަށް ކުޅެފައިވާ ކީޕަރު، މިދިޔަ ސީޒަނުގައި ކުޅުނީ ޕްރިމިއާ ލީގުގެ ހަ މެޗެވެ. މި ސީޒަނުގައި ސައުތެމްޓަން އިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ގޯލު ބަލަހައްޓާފައިވަނީ ރަމްސްޑޭލް އެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ރަމްސްޑޭލް ބުނީ، ބެންޗުގައި ހުރެ މުބާރާތެއް ކާމިޔާބުކުރެވުނަސް އެއީ އެއްވެސް ހާއްސަ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ފުޓުބޯޅަ ކުޅެން ކަމަށާއި، ބެންޗުގައި އިންނަން ނޫން ކަމަށް ބުންޏެވެ.
މިވަގުތު ތާވަލުގެ 19 ވަނައިގައި އޮތް ސައުތެމްޓަން، މިއަދު ނިކުންނާނީ ތިން ވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ރަމްސްޑޭލް އަށް ހާއްސަ މެޗަކަށެވެ.