ޔުއެފާ ޔޫރޮޕާް ލީގުގައި ރޭ ފަހުވަގުތު ހެރީ މެގުއާ ޖެހި ލަނޑާއެކު، 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ޕޯޓޯ އަތުން ބަލިނުވެ ޔުނައިޓެޑު ސަލާމަތް ވެއްޖެ އެވެ.
ޔުނައިޓެޑު ވަނީ ޔޫރޮޕާ ލީގުގައި ފުރަތަމަ ކުޅުނު މެޗުން، ޓްވެންޓޭ ކައިރިން އެއްވަރުވެފަ އެވެ. އެކަމާ ގުޅިގެން ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައި، ޕޯޓޯ އިން ވަނީ ފަހަތުން އަރައި ޔުނައިޓެޑު ބަލިކުރުމާ ގާތަށް ޖެހިލާފަ އެވެ. ނަމަވެސް، މެގުއާގެ ލަނޑުން، ކޯޗު އެރިކް ޓެން ހާގަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.
ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، ހަތްވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑް ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް، ޕޯޓޯ އިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކުރީ ޕެޕޭ އާއި ސަމޫ އޮމޮރޮޑިއޯން އެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އޮމޮރޮޑިއޯން ވަނީ އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ޕޯޓޯ އަށް ކުރިހޯދަދީފަ އެވެ.
ދެ ލަނޑުގެ ލީޑެއް ގެއްލި، މެޗުން ބަލިވާން ދިއުމާއެކު، ޔުނައިޓެޑުން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، އެ ޓީމަށް އިތުރު މައްސަލަތައް ދިމާވީ، މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް، ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ވަނީ މިދިޔަ ހަފުތާގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރަތް ކާޑު ދައްކާފަ އެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުނައިޓެޑަށް، މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރީގެ ކެޕްޓަން، މެގުއާ އެވެ.
ޔުނައިޓެޑުން މި ސީޒަނުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.