ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ލިލް އިން 1-0 ގެ ނަތީޖާއަކުން ޗެމްޕިއަން، ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
މިއީ އެންމެ ފަހުން ކުޅުނު 36 މެޗުގެ ތެރެއިން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ ޖެނުއަރީ މަހު، އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.
ރޭ ލިލްގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖޮނަތަން ޑޭވިޑް އެވެ. އެއީ ރެއާލްގެ އޭރިއާ ތެރެއިން، އެޑުއާޑޯ ކަމަވިންގާގެ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ،
މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕޯޓިން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިނަމަވެސް، ރޭ ލިލްގެ ފަރާތުން ފެނިފައިވަނީ މޮޅު ކުޅުމެކެވެ. ލަނޑު ޖެހުމުގެ ކުރިންވެސް ޑޭވިޑް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، ރެއާލްގެ ކީޕަރު، އަންޑްރޭ ލުނިން ވަނީ ޑޭވިޑް ފޮނުވާލި ދެ ހަމަލާވެސް ދިފާއުކޮށްފަ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ 11 ގައި ހިމެނި، އެންޑްރިކް ވެފައިވަނީ ޗެމްޕިއަންސް ލީގު މެޗެއްގައި ރެއާލްގެ ފުރަތަމަ 11 ގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔަށެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 73 ދުވަހެވެ. ނަމަވެސް، އޭނާ އަށް މި މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން 57 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ ކުޅެން ނިކުމެފަ އެވެ. އެތުލެޓިކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި، އަނިޔާގެ ސަބަބުން އެމްބާޕޭ ކުޅެފައެއް ނުވެއެވެ.
މެޗު ނިމެން ގާތް ވެފައިވަނިކޮށް ރެއާލަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އެންޓޮއިން ރުޑިގާ ބޮލުން ޖެހި ބޯޅަ، ލިލްގެ ކުޅުންތެރިޔަކު ވަނީ ގޯލު ލައިން މަތިން ދިފާއުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ތިންވަނަ މެޗުގައި ރެއާލް ނިކުންނާނީ ޑޯޓްމަންޑާ ދެކޮޅަށެވެ. އަދި ލިލް ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާ އެވެ/