ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު، 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން، މެޗުގެ 64 ވަނަ މިނެޓުގައި ޑިފެންޑަރު، އެޑާ މިލިޓާއޯ ވަނީ ލަނޑެއް ޖަހައި، ރެއާލަށް ކުރިހޯދަދީފަ އެވެ.
ރެއާލުން ކުރިހޯދިތާ އިރުކޮޅެއް ފަހުން، އެތުލެޓިކޯ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކާތީ، ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާ ވަނީ ރެފްރީ އަށް އިޝާރާތް ކޮށްފަ އެވެ. އަދި މި މައްސަލަ ހޫނުވުމާއެކު، ރެފްރީ ވަނީ ދެ ޓީމުގެ ކޯޗާ ވާހަކަ ދެއްކުމަށްފަހު، ޓީމު ޗޭންޖިން ރޫމަށް ފޮނުވާލާފަ އެވެ. އެތުލެޓިކޯގެ ކޯޗު، ޑިއެގޯ ސިމިއޯނީ އާއި ކުޅުންތެރިން ވަނީ ސަޕޯޓަރުން މައިތިރި ކުރުމަށް މަސައްކަތް ކޮށްފަ އެވެ.
ސްޕޯޓަރުން މައިތިރި ކުރުމަށްފަހު، ކުޅުން އަލުން ފެށުނީ 20 މިނެޓް ފަހުންނެވެ. ރެއާލުން ލީޑުގައި ކުޅެމުން ދަނިކޮށް، އިތުރު ވަގުތުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އަންހެން ކޮރެއާ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ، މެޗުގައި މައްސަލަ ދިމަވީ ކޯޓުއާގެ ސަބަބުން ކަމަށެވެ. ރެއާލުން ލަނޑު ޖެހުމުން، އެތުލެޓިކޯ ސަޕޯޓަރުންނަށް ބެލުމަށްފަހު އުފާފާޅުކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން އޭނާ ވަނީ، ދަނޑަށް އެއްޗެހި އުކުން ކުށްވެރިކޮށް، އެ މައްސަލަ ބަލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ލީގުގައި އަށް މެޗު ކުޅުނު އިރު، ބަލި ނުވެ އޮތީ ހަމައެކަނި މި ދެ ޓީމެވެ. ނަމަވެސް، 21 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. ރެއާލަށް 18 ޕޮއިންޓު ލިބިފައިވާއިރު، އެތުލެޓިކޯ އަށް ލިބުނީ 16 ޕޮއިންޓެވެ.