އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ރަތް ކާޑު ދެއްކިއިރު، ޓޮޓެންހަމް ކައިރިން 3-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވެއްޖެ އެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުގައި، އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ކެޕްޓަަން، ސޮން ކުޅެފައެއް ނުވެއެވެ.
މެޗު ފެށިގެން ތިންވަނަ މިނެޓުގައި މިކީ ވެން ޑަ ވެން ތަނަވަސްކޮށްދިން ފުރުސަތަކުން، ބްރެނަން ޖޯންސަން ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. މިއާއެކު ޓޮޓެންހަމް އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ.
ޔުނައިޓެޑަށް އިތުރު މައްސަލަތައް ދިމާވީ، ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، ޖޭމްސް މެޑިސަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޑޭޖާން ކުލުސެވްސްކީ ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި، 77 ވަނަ މިނެޓުގައި ޑޮމިނިކް ސޮލަންކޭ ވަނީ ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި ނަތީޖާއާއެކު، ޓޮޓެންހަމް ވަނީ ތާވަލުގެ އަށްވަނަ އަށް ޖެހިލާފަ އެވެ. ޔުނައިޓެޑު އޮތީ ހަތް ޕޮއިންޓާއެކު 12 ވަނައިގަ އެވެ. މި ސީޒަނުގައި ޔުނައިޓެޑުގެ ފަރާތުން ދަށް ކުޅުމެއް ފެންނަ އިރު، އެ ޓީމުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅު ވެވުނީ އެއް މެޗުންނެވެ.