ރިސޯޓު ލީގުގެ ޒޯނު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިޔަށްދާ ރިސޯޓު ސުޕަ ލީގުގެ ފުރަތަމަ މެޗުގައި، 7-5 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށް، ބަނޑޮސް މޯލްޑިވްސް އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުން މޮޅުވެ، ބަނޑޮހުން ވަނީ ފައިދާ ނަގާފަ އެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ބަނޑުހުގެ އަހުމަދު ރަޝީދު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން، އާދަމް މަމްދޫހް ވަނީ ލަނޑެއް ޖަހައި، އޮޅުވެއްޔަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބަނޑޮހަށް އަލުން ލީޑު ނަގައިދިނީ މުހައްމަދު ސާއިން އަލީމް އެވެ. އޮޅުވެލިން ވަނީ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ވިގާމް އެވެ.
ދެވަނަ ހާފު ފެށިގެން ބަނޑޮހުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، ހާފު ފެށިގެން މިނެޓެއް ތެރޭ، އިބްރާހިމް މުޝީރު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި ކެޕްޓަން، މުހައްމަދު އިކްރާމްގެ ހެޓްރިކާއެކު، ބަނޑޮހުން ވަނީ ބޮޑު ލީޑެއް ނަގާފަ އެވެ.
އޮޅުވެލިން ވަނީ ބަނޑޮހުން ހޯދާފައިވާ ބޮޑު އެޑްވާންޓޭޖް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މެޗުގެ ފަހު 10 މިނެޓު ތެރޭ، އަލީ ޝިއާއު ވަނީ ހެޓްރިކް ހަދައި، ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް. މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ އެއްވަރު ކުރެވިފައެއް ނުވެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބަނޑޮހަށް ހެޓްރިކް ހަދައިދިން، އިކްރާމް އެވެ.
އޮޅުވެލި ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.


