ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ކަމުގައި ޑޮމެނީކޯ ޓެޑެސްކޯ ހުރިހައި ހިނދަކު، ގައުމީ ޓީމަށް ނުކުޅޭނެކަމަށް ރެއާލް މެޑްރިޑުގެ ގޯލްކީޕަރު، ތިބޯ ކޯޓުއާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ދެ ފަހަރު މަތިން ކޯޓުއާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާ އަށް ވަނީ ސީޒަނުގެ ބޮޑު ބައެއް ގެއްލިފަ އެވެ. އަދި އެނބުރި އައިސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ކަމުގައިވިޔަސް، އޭނާ އަށް ވަނީ މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރި ބެލްޖިއަމް ޓީމުން ޖާގަ ގެއްލިފަ އެވެ.
ބެލްޖިއަމް އަށް 102 މެޗު ކުޅެދިން އުމުރުން 32 އަހަރުގެ ކީޕަރު އެންމެ ފުރަތަމަ ޓެޑެސްކޯ އާ މައްސަލަ ޖެހުނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިއާއެކު އޭނާ ވަނީ އެސްޓޯނިއާ އާ ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިން މެޗުގެ ކުރިން، ޓީމު ދޫކޮށްލާފަ އެވެ.
އިންސްޓަގްރާމްގައި ކޯޓުއާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޓެޑެސްކޯ އާ ދެމެދު ހިނގި ކަންކަމާމެދު ވިސްނުމަށްފަހު، ކޯޗު ކަމުގައި ޓެޑެސްކޯ ހުރިހައި ހިނދަކު، އެނބުރި ޓީމަށް ނުދާނެ ކަމަށެވެ. ކޯޓުއާ އިތުރަށް ބުނީ، އޭނާ އެގޮތަށް ނިންމީ ބެލްޖިއަމްގެ ފުޓުބޯޅަ ފެޑަރޭޝަނާވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ސަޕޯޓަރުން ކަންބޮޑުވި ކަމުގައިވިޔަސް، އޭނާގެ ނިންމުމަކީ މިވަގުތު ބެލްޖިއަމް އަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ކޯޓުއާ ބުންޏެވެ.
މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުން ބެލްޖިއަމް ކެޓީ، ގަދަ 16 ބުރުގައި ފްރާންސް އަތުން ބަލިވެގެނެވެ.