އެސްޓަން ވިލާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް އެ ޓީމާއެކު އެއްބަސްވުން އައުކޮށްފި އެވެ.
އައު އެއްބަސްވުމާއެކު، އުމުރުން 31 އަހަރުގެ އާޖެންޓީނާގެ ކީޕަރު، 2029 އާ ހަމަޔަށް އެސްޓަން ވިލާގައި މަޑުކުރަނެ އެވެ. 2020 ވަނަ އަހަރު މާޓިނޭޒް އާސެނަލް އިން އެސްޓަން ވިލާ އަށް ބަދަލުވީ 17 މިލިއަން ޕައުންޑަށެވެ. އެޔަށްފަހު އޭނާ ވަނީ އެ ޓީމަށް 150 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ.
އާޖެންޓީނާ އާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކީޕަރު ވަނީ މިދިޔަ ސީޒަނުގައި އެސްޓަން ވިލާ އަށް ޕްރިމިއާ ލީގުގެ 34 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ލަނޑެއް ވަނަނުދީ ނުވަ މެޗު ފުރިހަމަ ކޮށްފަ އެވެ. އަދި އެސްޓަން ވިލާ އިން ވަނީ ހަތަރު ވަނައިގައި ސީޒަން ނިންމާލައި، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފަ އެވެ.
މި ހޫނުމޫސުމުގައި ކުރިޔަށް ދިޔަ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި، މާޓިނޭޒް ވަނީ އާޖެންޓީނާގެ ހުރިހައި މެޗެއްގައި ކުޅެފަ އެވެ. އަދި އެ ޓީމުން ވަނީ ތަށި ދިފާއުކޮށް، 16 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
އައު ސީޒަނުގެ ފުރަތަމަ މެޗުން އެސްޓަން ވިލާ ވަނީ 2-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް އަތުން މޮޅުވެފަ އެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނިކުންނާނީ އާސެނަލް އާ ދެކޮޅަ ށެވެ.