ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލުގައި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ބަލިކޮށް، ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
އޮޅުވެލި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލައްސަރު މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ. އަދި ވޮލްޑޯފް ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން، ކްރޮސްރޯޑްސް މޯލްޑިވްސް ކަޓުވާލުމަށްފަހު އެވެ.
މިއަދު ހަވީރު ކްރޮސްރޯޑްސްގައި ކުޅުނު ފައިނަލް މެޗުން އޮޅުވެލި މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަވަނަ މިނެޓުގައި އާދަމް މަމްދޫން ވަނީ ލަނޑެއް ޖަހައި، އޮޅުވެއްޔަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ވޮލްޑޯފްގެ ކެޕްޓަން، އަބްދުﷲ ރަބާހު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 11 ވަނަ މިނެޓުގައި އޮޅުވެއްޔަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހުސައިން އަޒުމަތު އެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، މުހައްމަދު ވިގާމް ވަނީ ލަނޑެއް ޖަހައި، އޮޅުވެއްޔަށް ލީޑު ފުޅާކޮށްދީފަ އެވެ. ހާފު ނިމުމުގެ ކުރިން ތަހާ މުހައްމަދު ވަނީ ލަނޑެއް ޖަހައި، ވޮލްޑޯފަށް ފަރަގު ކުޑަކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 27 ވަނަ މިނެޓުގައި މަމްދޫން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން މޫސާ ހުމެއިދު ވަނީ ލަނޑެއް ޖަހައި، ވޮލްޑޯފަށް އުއްމީދު އައުކޮށްދީފަ އެވެ.
ވޮލްޑޯފުންނ ފަހުވަގުތާ ހަމަޔަށް މަސައްކަތް ކުރީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަ ށެވެ. ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ހަސަން ސުހެއިލް ވަނީ ލަނޑެއް ޖަހައި އޮޅުވެއްޔަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އިބްރާހިމް ރަފާހު، ވޮލްޑޯފަށް ލަނޑެއް ޖަހައިދިން ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ އެއްވަރެއް ނުކުރެވުނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޮޅުވެއްޔަށް ދެ ލަނޑު ޖަހައިދިން މަމްދޫން އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފަިއވަނީ ވެލައްސަރުގެ މުހައްމަދު ތަހުސީން އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 12 ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އޮޅުވެލިގެ އަޒްމަތު، މަމްދޫން އަދި އަހުމަދު ޝަރަފްގެ އިތުރުން، ވޮލްޑޯފްގެ ހަސަން ޔާސިރު އަދުނާން އާއި ރަބާހު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޮޅުވެލިގެ އަބްދުﷲ ސިނާން އެވެ.
ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އޮޅުވެލިގެ އަހުމަދު ނިސާމް އެވެ.