ރިސޯޓު ލީގު 2024: ޕެނަލްޓީގައި ވެލައްސަރު ބަލިކޮށް، އޮޅުވެލި ފައިނަލަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ސެމީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ވެލައްސަރު މޯލްޑިވްސް ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އިން ހޯދައިފި އެވެ.

އޮޅުވެލި ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ސައި ލެގޫން މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ. އަދި ވެލައްސަރުން ވަނީ ކުއާޓާގައި ކަނޑޫމާގެ މައްޗަށް ކުރިހޯދާފަ އެވެ. ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ޕެނަލްޓީގައި އޮޅުވެލިން ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި އާދަމް މަމްދޫން ވަނީ ލަނޑެއް ޖަހައި އޮޅުވެއްޔަށް ކުރިހޯދަދީފަ އެވެ. އަދި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، އޮޅުވެލިގެ ކެޕްޓަން، އަބްދުﷲ ސިނާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އޮޅުވެލިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މަމްދޫން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، އޮޅުވެއްޔަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

ތިން ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތް ނަމަވެސް، ވެލައްސަރުން ވަނީ ހިތްވަރު ކޮށްފަ އެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެނެވެ. އެގޮތުން، އޮޅުވެލިން ތިންވަނަ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް އަހުމަދު ޝައިން ހާމިދު ވަނީ ލަނޑެއް ޖަހައި ވެލައްސަރަށް އުއްމީދެއް ހޯދަދީފަ އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ވެލައްސަރުގެ އަލީ އިމްރާން މުހައްމަދު ލަނޑެއް ޖަހާފައިވާއިރު، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މުހައްމަދު ތަހުސީން ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިއާއެކު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

ޕެނަލްޓީގައި އޮޅުވެލިން ވަނީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ސިނާން އާއި މުހައްމަދު ހަފީޒުގެ އިތުރުން މުހައްމަދު ވިގާމް އެވެ. އަހުމަދު މުސާދު އާއި ހަސަން ސުހެއިލް ޖެހި ޕެނަލްޓީ، ވެލައްސަރުގެ ކީޕަރު އަހުމަދު ވިއާމް ވަނީ ދިފާއުކޮށްފަ އެވެ.

ވެލައްސަރުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހަމައެކަނި ހުސައިން އަސްލަމް ޖެހި ޕެނަލްޓީ އެވެ. އެ ޓީމުގެ އަހުމަދު ފައިޒާން އާއި އިމްރާންގެ އިތުރުން ތަހުސީން ޖެހި ޕެނަލްޓީ، އޮޅުވެލިގެ ކީޕަރު އަހުމަދު ޝަރަފް ވަނީ ދިފާއުކޮށްފަ އެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގައިވަނީވެސް ޝަރަފް އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވޮލްޑޯފް އެސްޓޯރިއާ އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ހަވީރު އެވެ.

ރިސޯޓް ލީގު 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ