ބާސެލޯނާގެ އައު ކޯޗު، ހަންސީ ފްލިކްގެ އިރުޝާދާއެކު އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާގެ މައްޗަށް ކުރިހޯދައިފި އެވެ.
ޖަރުމަނުގެ ކުރީގެ ކޯޗު ފްލިކް، ބާސެލޯނާ އާ ގުޅިނީ މިއަހަރު އެވެ. ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރޭ ވެލެންސިއާ އާ ވާދަކޮށް، ބާސެލޯނާ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެލެންސިއާގެ ހޫގޯ ޑޫރޯ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. ވެލެންސިއާ އިން ލީޑު ނެގިކަމުގައިވިޔަސް، މާ ގިނަ އިރަކު ލީޑު ހިފެހެއްޓިފައެއް ނުވެއެވެ. އިތުރު ވަގުތުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން، ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި، ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބާސެލޯނާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ އޭރިއާ ތެރެއިން ބާސެލޯނާގެ ރަފީނިއާ އަށް ފައުލް ކުރުމާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
ބާސެލޯނާގެ މެދުތެރެއިން ގިނަ ގޯސްތަކެއް ހެދިފައިވާރިއު، ވެލެންސިއާ އިން ވަނީ ރަނގަޅު ކައުންޓާ އެޓޭކްތަކެއް ކޮށްފަ އެވެ. ނަމަވެސް، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައެއް ނުވެއެވެ.
ބާސެލޯނާ އިން މިދިޔަ ސީޒަން ނިންމާލީ ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ 10 ޕޮއިންޓު ފަހަތުންނެވެ. މި ސީޒަނުގެ ދެވަނަ މެޗުގައި ބާސެލޯނާ ނިކުންނާނީ އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަ ށެވެ.